ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، އުމުރުން 23 އަހަރުގެ މުހައްމަދު އީވާން ހާމިދު އާއި ހ. ސަކީނާމަންޒިލް / މާލެ، 31 އަހަރުގެ މުހައްމަދު ރާއިދު އަލީ އަސްއަރުއެވެ.

ފުލުހުން ބުނީ، މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕެރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މަލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.