ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް، ޔޫރަޕިއަން ޔޫނިއަން(އީޔޫ)ގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު އިއްޔެ ވަނީ އީޔޫގެ ވަފްދަކާ ބައްދަލުކުރައްވާފައެވެ.
ޕީޕީއެމް އިން ބުނި ގޮތުގައި ރާއްޖޭގެ ރަށްށުގައި ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުމަށް އެހީ ހޯދުމަށާއި އަދި ތަރައްގީގެ އެކި ދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.
މިސަރުކާރު ވެރިކަމަށް އައިސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އޮތްކަމާއި، މިނިވަން ޖުޑިޝަރީއެއް ނެތުމުގެ ކަންބޮޑުވުން ރައީސް ޔާމީން ފާޅުކުރެއްވި ކަމަށްވެސް ޕީޕީއެމް އިން މައުލޫމާތުދެއެވެ.
ޕީޕީއެމް އިން ބުނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން އިދިކޮޅަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތައް ވެސް ރައީސް ޔާމީން ފާހަގަކުރެއްވި ކަމަށެވެ.
ޕީޕީއެމް އިން ބުނި ގޮތުގައި ޔޫރަޕިއަން ޔޫނިއަންގެ ވަފްދުން ވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދަރަނީގެ މައްސަލަ ހައްލުކުރައްވާނެ ގޮތެއް އޮޅުން ފިލުއްވި ކަމަށްވެސް ބުންޏެވެ.
ޕީޕީއެމް އިން ބުނީ މިސަރުކާރުން ދަރަނި ނަގައިގެން ބޭނުންކުރަމުންދަނީ ކޮންސިއުމަބްލް ކަންކަމަށް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރެއްވި ކަމަށެވެ.
އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވި ކަމުގައިވެސް ބުންޏެވެ.
