މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ތޯރިގު އިބްރާހީމް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހަރ އެކްސެލެންސީ ޑރ. އާމިނާ އަލް ދަހާކްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ހާއްސަކޮށް ސާފު ހަކަތަ އުފެއްދުން އަވަސްކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ކެތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ހިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ހަރުދަނާކޮށް، ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، މިފަދަ ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ރާއްޖެއިން އަންނަނީ ވަރަށް އިސް ދައުރެއް އަދާކުރަމުންނެވެ.

