ޑެންގޫ ޖެހިގެން ރިޕޯޓު ކުރި އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ތަފާސްތިހާބުތަކުން ދައްކާގޮތުން ނޮވެމްބަރު މަހުގައި 382 މީހުން ޑެންގޫ ހުން ހުންޖެހިގެން ރިޕޯޓު ކުރިއެވެ.
އެ އަދަދު ވަނީ ޑިސެމްބަރު މަހު އިތުރުވެފައެވެ. ޑިސެމްބަރުގައި ޑެންގޫހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ 413 އަށް އަރައިފައެވެ.
އެހެންވެ، ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޑެންގޫ ޖެހުމުން ރައްކާތެރިވުމަށްޓަކައި، ފަތިސް އަދި ހަވީރު ގަޑީގައި ގޭގެ ދޮރުތަކާއި ކުޑަދޮތުރައް ލައްޕާފައި ބެހެއްޓުމާއި، ހުސްފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރޭއާއި މަގުތައްމަތީ ފެން ހަރުލާގޮތަށް އުކާލާފައި ނުބެހެއްޓުން ހިމެނެއެވެ.
މި ބަލި ޖެހިއްޖެނަމަ، އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން ހިމެނެއެވެ.ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެއެވެ.
ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

