ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަބުރަށް ދަރިވަރުން މިއަދު ފުރައިފިއެވެ.

ފަންނީ ތަމްރީނުގައި ބައިވެރިވުމަށް މިއަދު ފުރި މި ދަރިވަރުންނަކީ މިދިޔަ އަހަރުގެ ޑިސެންބަރު 28ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނަށް ޝައުގުވެރިކަން ފާޅުކުރި ދަރިވަރުންނެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒުގައެވެ.

ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒަކީ، އެރަށުގައި ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން ގާއިމްކުރި ”ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ“އެވެ.

މި ސެންޓަރު ސަރުކާރަށް ހަދިޔާކުރެއްވުމުން އެއީ ސިފައިންގެ ތަމްރީން މަރުކަޒެއްގެ ގޮތުގައި، ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މިމަރުކަޒުގައެވެ.

މި ތަމްރީނުގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއިން 50 ފިރިހެން ދަރިވަރުންނާއި 16 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 66 ދަރިވަރުން ބައިވެރިވެފައި ވެއެވެ.