ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މައުލޫމާތު ރައީސް އާއި ހިއްސާ ކުރައްވާފައެވެ.

އަދި، އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެބޭފުޅުންވަނީ ރައީސް އާއި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިން ހަމަޖެއްސުމާއި ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތަކާއި ވެހިކަލްތަކަށް ސްޕެއަރ ގެނައުމުން އެތަކެތި ބޮންޑުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލުގެނައުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރުމާއި އައު އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލައި، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށް އެބޭފުޅުންވަނީ ރައީސް އާއި މަޝްވަރާ ކުރައްވާފައެވެ.

ށޑްރައިވަރުން ވަނީ އެ ބޭފުޅުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.