ރައީސް އޮފީހުން މިއަދު ބުނީ އަލަށް އުފެއްދި މޯލްޑިވްސް ޑިޖިޓަލް ސާވިސް ހިންގާނީ، ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ކަމަށެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދާފައިވަނީ ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން“ މަގުޗާޓު ތަންފީޒުކުރުމާ ގުޅޭގޮތުން ކެބިނެޓުން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި ހިމެނޭ ”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން“ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާގެ ގޮތުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެންސީއައިޓީ ކުރަމުންދިޔަ މަސައްކަތްތައްވެސް މީގެފަހުން ކުރަމުންދާނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްއިންކަމަށް ރައީސް އޮފީހުން ބުންޏެވެ.

