އާސަންދަ ސްކީމުގެ ދަށުން ނަންބަރު އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މިއަދުން ފެށިގެން މާލެ ސަރަހައްދުގެ 18 ތަނަކުން އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.
މި ހިދުމަތް ފުޅާކުރުމުގެ މަގުސަދަކީ ރައްޔިތުންނަށް ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު އާސަންދައިގެ އެހީގައި އައިނު ހެއްދޭނެ މަގު ފަހިކޮށްދިނުން ކަމަށް އާސަންދައިން ބުނެއެވެ.
މި ބަދަލާއެކު، ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ޑޮކްޓަރުން ދޫކުރާ ލިޔުމަށް (ޕްރިސްކްރިޕްޝަނަށް) އާސަންދައިގެ ދަށުން އައިނު ހެއްދޭނެއެވެ.
އެ ތަންތަނަކީ:
- އޭޑީކޭ ހޮސްޕިޓަލް
- އެޑްވާންސް އައި ކްލިނިކް
- އެޑްވާންސް މެޑިކަލް ކްލިނިކް
- އެއިމްސް ޑައިގްނޯސްޓިކް ކެއަރ
- އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ
- ސިޓީ އޮޕްޓިކަލް ކްލިނިކް
- އައި ކެއަރ ކްލިނިކް (މާލެ)
- އައި ކެއަރ ކްލިނިކް (ހުޅުމާލެ)
- އައި ކެއަރ ހޮސްޕިޓަލް (މާލެ)
- އައި ކެއަރ ހޮސްޕިޓަލް (ހުޅުމާލެ)
- ފަރޫކް ހެލްތު ކެއަރ
- މޯލްޑިކެއަރ
- ނޫސަންދާ
- ސެނަހިޔާ
- ޓްރީޓޮޕް ހޮސްޕިޓަލް
- ވިޝަން ކްލިނިކް
- ޕަބްލިކް ހެލްތު ފެސިލިޓީސް
- އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ އައިނު ފިހާރަތައް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ސިއްހީ ފަރުވާއަށް ދޭ އިސްކަމުގެ ދަށުން، އާސަންދައިން އައިނު ހެއްދުމަށް ދޭ އެހީގެ މިންވަރު މިހާރު ވަނީ ބޮޑުކޮށްފައެވެ.
ކުރިން ކޮންމެ ދެ އަހަރަކުން އެއްފަހަރު 1,000 ރުފިޔާގެ އެހީއެއް ދެމުންދިޔަ ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަދަދު ވަނީ 2,000 ރުފިޔާއަށް އިތުރުކޮށްފައެވެ.

