މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯއްޗާއި ފްލެޓަށް އެދި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.

ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަޙައްދުން 7،900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

އުސޫލަށް ބަދަލު ގެނެސްފައިވަނީ، މީގެ ކުރީގެ ސްކީމަކުން 1 ކޮޓަރި އަދި 2 ކޮޓަރި ލިބިފައިވާ މީހުންނަށް، ދަރިން ތިބި މިންވަރަށް ބަލާ ވަކި ޝަރުތުތަކަކާ ލައިގެން 3 ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ.

ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.

ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ހާއްސަ ކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ހާއްސަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 1،500 ގޯއްޗެވެ.

ކޮންމެ މީހަކަށް ވެސް ފޯމު ހުށައެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ.

އަދި އެ ސްކީމުގެ ވެސް އެއް ކެޓަގަރީއިންނެވެ.

މިފަހަރު ފްލެޓަށް އެދި ހުޅުވާލުމުގައި ވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ހާއްސަ ކެޓަގަރީތައް ހިމެނެއެވެ.

ހާއްސަ އިސްކަންދޭ ކެޓަގަރީގައި ހިމެނޭ 2،400 ފްލެޓް، އިތުރު 15 ކެޓަގަރީއަކަށް ބަހާލާފައިވެއެވެ.

މި ފަހަރުގެ އުސޫލުފައިވާ ގޮތުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ މި މަހުގެ 14 ގެ ނިޔަލަށެވެ.

އަދި ހާއްސަ ހާލަތާ ގުޅިގެން މެދުކެނޑުމެއް އައި ނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.

ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެމީހެއްގެ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށެވެ.

ފޯމު ހުށައެޅުމުގެ ސުންގަޑިތަކަށް ބަލާ އިރު، ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ މާޗް މަހުގެ 4 ވަނަ ދުވަހުގެ ރޭ ރޭގަނޑު 12:00 އަށެވެ.

ފްލެޓްތަކަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ އެޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އަށެވެ.