”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދުން ސަރުކާރުން ދޫކުރާ ގޯއްޗާއި ފްލެޓު ދައުރު ނިމުމުގެ ކުރިން ހަވާލު ކުރުމަކީ އަމާޒު ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

15،000 ގޯއްޗާއި، 7900 ފްލެޓަށް އެޕްލައި ކުރުމަށް ”ހިޔާވަހި ޕޯޓަލް“ މިއަދު 9:00ގައި ‏ހުޅުވައިލުމާ ގުޅޭގޮތުން، މިނިސްޓަރު ވިދާޅުވީ، ދޫކުރަން ހަމަޖެހިފައިވާ 7900 ފްލެޓަކީ ފައިނޭންސް ޔަގީން ވެފައިވާ ފްލެޓުތަކެއް ކަމަށެވެ.

އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް، ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގައި އެ ދައުރުގެ ތެރޭގައި ރައްޔިތުންނާ ހަވާލު ކުރެވިފައިނުވާއިރު، މި ސަރުކާރުގެ އަމާޒަކީ އެކަން ބަދަލު ކުރުން ކަމުގައި ވެސް ވިދާޅުވިއެވެ.

”މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދައުރު ތެރޭގައި ގޯތިތައް ދީ، ރަޖިސްޓްރީ ހަދައިދީ، އިން ވަކިކޮށްދީ، ގޯތި ހަވާލު ކުރާނަން.“ މުއްތަލިބު ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ މި ހުރިހާ ފްލެޓަކަށް ވެސް، މަސައްކަތްތައް ނިންމާ، މީހުންނަށް ދިރިއުޅެވޭވަރު ކުރުން.“ މިނިސްޓަރު ވިދާޅުވިއެވެ.

ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލްމަހުގެ 17 ‏ވަނަ ދުވަހުގެ ރޭ 23:59އެވެ.

އަދި ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗު 2026ވާ ބުދަ ދުވަހުގެ 23:59އެވެ.