އިންޑޮނޭޝިއާގެ ދެކުނު ސުލާވެސީ ޕްރޮވިންސްގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތައުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، 8 ކުރޫއިންނާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރީން އެފެއާޒް އެންޑް ފިޝަރީޒްގެ 3 އޮފިޝަލުންގެ ފުރާނަ ގެއްލިދިޔަ މިހާދިސާއާ ގުޅިގެން ކުއްލި ސިހުމަކާއި ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރެއްވިއެވެ.
އަދި ރައީސް ސުބިއަންތޯއާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ހަމަމިއާއެކު، މީހުން ހޯދައި ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަން، ކާމިޔާބުކަމާއެކު ކުރިއަށްދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް، ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

