ހާފިޒުން ދަސްވެނިވުމުގެ ހަފްލާ މި އަހަރު އޮންނާނީ ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ހާފިޒުން ދަސްވެނިވުމުގެ ހަފްލާ މި އަހަރު އޮންނާނީ ރަމަޟާން މަހުގެ 12ވާ  އާދީއްތަ ދުވަހުގެ ރެއެވެ.

އެންމެ ފުރަތަމަ ބޭއްވި މިފަދަ ހަފްލާގައި 24 ހާފިޒަކަށް ހާޒިފުކަމުގެ ސަނަދު އަރުވާފައިވެއެވެ.

ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާއިރު، ރޯދަމަހުގެ ކުރިން އެ އަދަދު 300 އަށް އަރާނެ ކަމަށް ޝަހީމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުމެވެ.

އަދި މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުންދާ ކަމަށާއި މިއީ ތާރީހީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.