މި އަހަރު ވެސް ރޯދަ ހަދިޔާއެއްގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާފައިވާ މަސްދަޅު ކޭސް ވަރަށް އަވަހަށް ބަހަން ފަށާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަހަރާ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ ލޯކަލް މިނިސްޓްރީ އާއި އެސްޓީއޯ އިން ކައުންސިލްތަކާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން، އެ މިނިސްޓްރީން ބުނީ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ފަސޭހައިން މަސްދަޅު ކޭސް ފޯރުކޮށް ދިނުމަށްޓަކައި އައްޑު އާއި ކުޅުދުއްފުށީގައި މިހާރު ވެސް ބައެއް މަސްދަޅު ކޭހުގެ ސްޓޮކްތަކެއް ރައްކާކޮށްފައިވާ ކަމަށެވެ.

މިފްކޯ އިން ބުނީ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެކަމަށް ޖުމްލަ 118,977 މަސްދަޅު ކޭސް ބޭނުންވާ ކަމަށާއި އޭގެ ތެރެއިން މިހާރު 115,078 ކޭސް އުފައްދައި ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

މިފްކޯ އިން ބުނީ ބާކީ 3,899 ކޭސް އުފެއްދުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީހައި އަންނަނީ ކުރަމުން ކަމަށެވެ.