ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމުގެ ބިންގާ ކަމަށާއި، އޭގެ ސަބަބުން ގައުމަށް ފާގަތިކަން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތައުލީމާ ބެހޭ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަދު ކަށަވަރުކޮށްދެނީ ތައުލީމުގެ ކޯ-ކްރިއޭޓަރުންގެ ގޮތުގައި ޒުވާނުން ބާރުވެރިކުރުވުމަށް ކަމަށެވެ.
އަދި އުނގެނުމަކީ ހުރިހާ ފަރާތްތަކެއް ހިމެނޭ، ގުޅުންހުރި، އަދި ބަދަލުކުރަނިވި ކަމެއްކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، ތައުލީމީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 6،000 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ދަރިވަރުންގެ މަތީ ތައުލީމަށްޓަކައި ސްޓޫޑެންޓް ލޯނުގެ ގޮތުގައި އެއް ބިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ހަމައެކަނި ތައުލީމީ ފުރުސަތުތައް ފުޅާކޮށްގެން ފަރުދީ މުސްތަގްބަލެއް ބައްޓަންކުރުން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއަށްވުރެ ފުޅާ ދާއިރާއެއްގައި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީގެން ފާގަތި ގައުމެއް ބިނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކޮންމެ ދަރިވަރަކަށް ވެސް ކުރިއަރައި، މުޅި ޖަމާއަތުގެ ތަރައްގީގައި އަމަލީ ގޮތުން ހިއްސާވުމުގެ ފުރުސަތު ލިބިގެންދާނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

