ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުޅުވާލި ބޯހިޔާވަހިކަމުގެ އާ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، 1600 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފިއެވެ.
މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން ބުނީ، “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 1616 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

މީގެ ތެރެއިން ގިނަ ފަރާތްތަކުން އެދިފައިވަނީ ފްލެޓަށެވެ. އެގޮތުން ފްލެޓަށް އެދި 1160 ފަރާތަކުން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 456 ފަރާތަކުންނެވެ.

ހުށަހެޅި ފޯމުތަކުގެ އިތުރުން، ފޯމު ފުރިހަމަކުރުމުގެ މަރުހަލާގައި ނުވަތަ ޑްރާފްޓް ސްޓޭޖުގައި 7605 މީހުން ތިބިކަމަށްވެސް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާޗު މަހުގެ 4 ވަނަ ދުވަހެވެ.

އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އިޢުލާނުކުރި މި ސްކީމުގެ ދަށުން ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް މިހާރު ވަނީ އާއްމުކޮށްފައެވެ.