ފަތިސްނަމާދަށް ގަޑިއަށް ހޭލައި، ނަމާދުން ދުވަސް ފެށުމަށް އަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ހުރިހާ ކިޔަވާ ކުދިން، ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުކޮށްގެންތޯ ކަށަވަރު ކުރުމަކީ މައިންބަފައިގެން ޒިއްމާއެއް ކަމަށް ދެކިވަޑައިގެން އެކަން ކަށަވަރުކުރެއްވުމަށް މައިންބަފައިންގެ ފަރާތުންވެސް އެދިވަޑައިގެންފައެވެ.
ނަމާދަށް ފަރުވާތެރިވުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ޓީޗަރުން ބުނާ ބަސް އަހާ، ތައުލީމީ ހަޔާތުގައި ސްކޫލްތަކުގެ ވެރިން އަންގާ މަގުން ކަންކަން ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަގުން ކަންކަން ކުރުމުން ތުއްތު ކުދިންގެ މުސްތަގްބަލަށް އަޅައިދޭ ބިންގަލަކީ ގުޑުވާނުލެވޭ ވަރުގެ ވަރުގަދަ ބިންގަލެއް ކަމުގައި ވާނެ ކަމަށެވެ.
ދަރިވަރުން ކިޔަވައި ނިމިގެން ބޮޑެތިމީހުންނަށްވެ، ކުރިއަށްދާން ބަލާއިރު ބިންގާއޮތީ ރެނދުއަޅާ ބަލިކަށިކޮށް ކަމަށްވާނަމަ، ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލްތަކަށް ދަރިވަރުން އަންނަނީ އެ ބިންގާ ވަރުގަދަކުރަންކަން ފާހަގަކުރައްވައި، އެކަން އެގޮތަށް ވުމަށް ނަފްސާނީ ގޮތުން ދަރިވަރުން ތައްޔާރުކޮށް މަގުދައްކައިދިނުމަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ޒިންމާއެއްކަން ރައީސް ހަނދާންކޮށްދެއްވިއެވެ.
އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މުޖުތަމައުގައި އުޅޭ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ހިމެނޭގޮތަށް ”އިންކްލޫސިވް އެޑިޔުކޭޝަން“ އަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ މިއަދު މި ހުޅުވުނު ޝަހީދު އަލީ ސްކޫލްގައިވެސް އެ ފެސިލިޓީ ގާއިމުވެފައިވާކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް “އިންކްލޫސިވިޓީ“ އިތުރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވައި، އެކަމަށް މިއަހަރު ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ތައުލީމު ދިނުމަށް ސަރުކާރާ ގުޅިގެން ހުރިހާ ފަރާތްތަކަކުން ދޭ ފުރުސަތުތަކަކީވެސް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބަލައި، އަހުލާގު ރަނގަޅު ދަރިވަރަކަށް ވުމުގެ އަޒުމް ކަނޑައަޅައި، ދީނީ ގޮތުން ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާކޮށް، ތަޢުލީމް އުނގެނުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގަންނަވަމުންނެވެ.

