މާލޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު ކަމާބެހޭ މުއައްސަސާތައް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު އުފެއްދި ”ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިން އިލީގަލް އެކްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ ގެ ދަށުންނެވެ.

މި ޓާސްކްފޯހަކީ ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނާއި، ގަދަވައިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް އެކުލަވާލާފައިވާ ހާއްސަ ބާރެކެވެ.

އިއްޔެ ކުރިއަށްދިޔަ މި ޖޮއިންޓް އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބައިވެރިވެފައިވެއެވެ.

މި އިންސްޕެކްޝަނުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެކެވެ.

އެތަން ފާހަގަކުރެވުމާއެކު އެތަނުގައި ކުރަމުންދިޔަ މަސައްކަތްތައް ވަނީ ވަގުތުން ހުއްޓުވާފައެވެ.

ދެވަނައަށް ބަލައި ފާސްކުރި ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަން ފާހަގަކުރެވުމާ ގުޅިގެން އެތަނުގެ މަސައްކަތްތައްވެސް ވަނީ ހުއްޓުވާފައެވެ.

މި ދެ އިންސްޕެކްޝަނަށްފަހު، ގަވައިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީ ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ވަނީ އެ ދެ ތަން މިހާރު ބަންދުކޮށްފައެވެ.