ނ. އަތޮޅުގައި ތަރައްގީ ކުރަން ނިންމާފައިވާ ”އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް“ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

”އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް“ މަޝްރޫއަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫއުވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު 11 ގައެވެ.

މަޝްރޫއު ކުރިއަށްގެ ގެންދަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައެވެ.

މިއީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު (12.2 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމެންޓެކެވެ.

މި މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާޗްގައި ފަށައޮ މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް އޮތީ ނިންމައިފައެވެ.

ސަސްޓެއިނަބަލް ޓައުންޝިޕް 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށް އޮތީ އަމާޒު ހިފައިފައެވެ.

ސަރުކާރުން ބުނެފައި ވަނީ މަޝްރޫއު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ ނަމޫނާއަކަށް ވާނެ ކަމަށެވެ.

”އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް“ ގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ޚިދުމަތްތަކާއި ރެސިޑެންޝަލް ބައިތައް ހިމެނޭނެއެވެ.

މީގެ އިތުރުން މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައް ވެސް މި ޓައުންޝިޕްގައި ހިމެނެއެވެ.

އޭގެ ތެރޭގައި، ރާއްޖެ އަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަޝިޕް ސްކޫލެއް ހިމެނެއެވެ.

އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެއެވެ.