ރައީސް ޑރ. މުހައްމަދު މުއިއްޒު، މިލަދުންމަޑުލު ދެކުނުބުރީ ވިހަފަރުގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށް ރައީސްގެ ގަރާރަކުން ކަނޑައަޅުއްވައި، އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާރޗް މަހުގައެވެ.

އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، މިލަދުންމަޑުލު ދެކުނުބުރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ 2026 ވަނަ އަހަރުގެ ކުރީކޮޅު، މިކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ.

ނ. މާފަރުގައި ވައިގެބަނދަރެއް އޮތްކަމުގައި ވިޔަސް، އެ އަތޮޅު ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެބަނދަރެއް އޮތުން މުހިންމުކަމަށް ރައީސް ދެކެވަޑައިގަންނަވައެވެ.

ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ، އަދި ކުރިއަރަމުންދާ އަތޮޅެއްގެ ގޮތުންނާއި، އިގްތިސާދު ސިންދަފާތުކުރުމުގެ ބޮޑެތި މަޝްރޫޢުތައް ހިނގާނެ އަތޮޅެއްގެ ގޮތުން، މި ވައިގެ ބަނދަރު އޮތުމުން ދުރު ރާސްތާގައި ލުއިފަސޭހައާއި ފައިދާ ލިބޭނޭކަމުގައިވެސް އެމަނިކުފާނު ގަބޫލުފުޅުކުރައްވައެވެ.

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށް ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން، 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަމަލީ ގޮތުން މި މަޝްރޫއު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.

މި ރަސްމިއްޔާތަށް ފަހު ރައީސްއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވަނީ، މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.