މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން، ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފެށިކަން އިއުލާނުކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، މިމަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާ އީއައިއޭ ރިޕޯޓުގައިވާ ގޮތުން ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ކުރިން ކުރެވުނު މަސައްކަތްތަކުން މިހާތަނަށް ހިއްކާފައިވަނީ 56 ހެކްޓަރުގެ ބިމެވެ.
އެހެންކަމުން، އަލަށް މި ފެށުނު މަސައްކަތުގެ ދަށުން އިތުރަށް 113 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިހާތަނަށް ހިއްކާފައިވާ ބިމުގެ
ތަފްސީލަކީ:
- ފުރަތަމަ ފިޔަވަހި: 12 ހެކްޓަރު
- ދެވަނަ ފިޔަވަހި: 18 ހެކްޓަރު
- ތިންވަނަ ފިޔަވަހި: 26 ހެކްޓަރު
އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދެން ހިއްކުމަށް ހަމަޖެހިފައިވަނީ ފަޅުގެ ނިސްބަތުން ވަރަށް ފުން ސަރަހައްދުތަކެކެވެ.
މި މަޝްރޫއުއާ ގުޅިގެން ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް މިހާރު ވަނީ އެކުލަވާލާފައެވެ.
މި ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ފަޅުން ކުރިން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ބޭއްވުމަށް ވަނީ ނިންމާފައެވެ.
އައު ޕްލޭނުގެ ދަށުން ޖުމުލަ 4 ސައިޒެއްގެ 4072 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:
- 1250 އަކަފޫޓުގެ 2603 ގޯތި
- 1650 އަކަފޫޓުގެ 1214 ގޯތި
- 2050 އަކަފޫޓުގެ 254 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
ސަރުކާރުން ބުނެފައިވަނީ މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސް މުއިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

