ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައިފި
ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ އަތޮޅާއި، ފުވައްމުލަކާއި، ގއ.އަތޮޅު އަދި ގދ. އަތޮޅު މޯލްޑިވިއަންގެ ދަތުރުތަކުން ގުޅާލައިފިއެވެ.

މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުގައެވެ.

ދެކުނުގެ ހަތަރު އަތޮޅު މޯލްޑިވިއަންގެ ދަތުރުތަކުން ގުޅާލުން ފެށުމުގެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދުވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވިއަންއިން މި މަހުގެ 23 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށްޓަކައި އެ އެއާލައިނުން ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ބޭނުމަކީ ދެކުނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުމުގައާއި، ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރުތަކުގައި އިތުބާރު ހުރި، އަވަސް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދިނުން ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ބުނީ، އިތުރުކުރެވުނު އެ ހިދުމަތްތަކުގެ ސަބަބުން ގއ، ގދ. އަތޮޅު އަދި ފުވައްމުލަކު ސިޓީގެ މެދުގައި ކުރެވޭ ދަތުރުތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށާއި އެއާއެކު، އައްޑޫ ސިޓީގެ ގަން އެއާޕޯޓަކީ ދެކުނުގެ އަތޮޅުތައް ގުޅުވައިދޭ މައި މަރުކަޒެއްގެ ގޮތުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

އެ ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މޯލްޑިވިއަނުން ވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުވާލައިފައެވެ.