ވައިގެމަގުން ދ. ކުޑަހުވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު، އެ ރަށުގައި އޮންނަ ދާލު އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތެކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދާލު އެއާޕޯޓުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.