ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބައި-އިލެކްޝަންތަކުގައި ވާދަކުރުމަށް ހުޅުވައިލުމުން، އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ ބައެއް ދާއިރާތަކުގެ ގޮނޑިތައް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ޔަޤީންވެއްޖެއެވެ.

މިގޮތުން، އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކުރިން ޕީއެންސީއަށް މިވަނީ، އދ. ދިއްދޫ، މަންދޫ، ހއ. ބާރަށާއި އެ އަތޮޅު އުތީމު ކައުންސިލްގެ ރައީސްކަމުގެ ގޮނޑިވެސް ލިބިފައެވެ.

ދިއްދޫ އާއި މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބުނީ، އެ ގޮނޑިތަކަށް އެހެން ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުންވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީއެވެ.

މަންދޫ ކައުންސިލްގެ ރައީސަކަށް ހޮވިވަޑައިގަތީ، މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދުއެވެ. އަދި ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގަތީ، މިހާރު ކައުންސިލް މެންބަރުކަމުގެ މަގާމުގައި ހުންނެވި އަނީސް މުހައްމަދެވެ

މީގެ އިތުރުން، ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި އުންމުހާނީ ހުސެއިން އިންތިހާބާ ނުލައި ހޮވިވަޑައިގެންނެވިއިރު، މި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތައްވެސް ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކަށަވަރުކޮށްފައެވެ.

ހއ. ބާރަށާއި އުތީމު ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް ލިބުނުއިރު، އެ ގޮނޑި ހޯއްދެވީ އަލީ ޝަމީމް (އަލިބެ)އެވެ.

އަދި އުތީމު ކައުންސިލްގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވީ އަބްދުﷲ ރަޝީދެވެ.

ޕީއެންސީން އަންނަނީ ކައުންސިލް އިންތިހާބަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެ ޕާޓީން ބުނާގޮތުގައި، ސަރުކާރަށް ރައްޔިތުން އެދޭ ކަންކަން ކޮށްދޭން ފަސޭހަވާނީ، ސަރުކާރަށް ތާއީދު ކުރާ ބަޔަކު ކައުންސިލަށް ހޮވައިގެންނެވެ.