ރާއްޖޭގައި އިންވިޓްރޯ ފާޓިލައިޒޭޝަން، އައިވީއެފް (IVF) މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދެ ކުދިން ކާމިޔާބުކަމާއެކު އުފަންވެއްޖެއެވެ.
ނޭޝަނަލް ފަރޓިލިޓީ ސެންޓަރުން ބުނީ، މި ކާމިޔާބީގެ ދަށުން އުފަންވި ފުރަތަމަ ކުއްޖާއަށް މިހާރު 27 ދުވަސް ވެފައިވާއިރު، ދެވަނަ ކުއްޖާއަށް ވަނީ 23 ދުވަސް ވެފައި ކަމަށެވެ.
ރާއްޖޭގެ ދަރިމައިވުމުގެ ސިއްހަތުގެ ދާއިރާއިން ހޯދި މި ބޮޑު ކުރިއެރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ ކްލިނިކްގެ ޑިރެކްޓަރ ޑރ. މުހައްމަދު އަސީލް ޖަލީލް ވިދާޅުވީ، މި ހިދުމަތް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކެއްގައި މިފަދަ ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރުމަށް ރާވަމުންދާ ކަމަށެވެ.
އަމާޒަކީ ރައްޔިތުން ތިބި ސަރަހައްދަކުން ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ ގޮތް ހެދުންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި 578 ދެމަފިރިއަކު ވަނީ ފާޓިލިޓީ ސެންޓަރުން ޑޮކްޓަރަށް ދައްކާފައެވެ.
އޭގެ ތެރެއިން އައިވީއެފް ހެދުމަށް 96 މީހަކު ހޮވައި، 86 އަންހެނުންގެ ބިސް ނެގުމުގެ މަރުހަލާ ވަނީ ނިންމާފައެވެ.
އަދި 68 އަންހެނުންގެ ރަހިމުގައި އެމްބްރިއޯ ބަދަލުކޮށްފައިވާއިރު، އޭގެ ތެރެއިން 23 އަންހެނުން މިހާރު ދަނީ މާބަނޑުވެ، ވިހެއުމުގެ ދުވަސްތައް ގުނަމުންނެވެ.
މީގެ އިތުރުން ކެންސަރު ބަލީގެ 3 މީހަކަށް ފަހުން ދަރިމައިވުމުގެ ފުރުސަތު ހޯދައިދިނުމަށް ’ފަރޓިލިޓީ ޕްރިޒަވޭޝަން‘ ހިދުމަތްވެސް ވަނީ ފޯރުކޮށްދީފައެވެ.

