ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އިފްތިތާހުކޮށް ދެއްވައިފިއެވެ.
ހޯމަ ދުވަހު މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫއުއަކީ ގދ. ފިޔޯރީގެ އިތުރުން މުޅި ގދ އަތޮޅުގެ މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަގުބަލަކަށް މަގުފަހިކޮށްދޭނެ އަދި އިގްތިސާދީ ފުދުންތެރިކަމާއި ސަރަހައްދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއުއެއްކަމުގައި ވިދާޅުވިއެވެ.
ހަމަ އެއާއެކު މި މަޝްރޫއު ފިޔޯރީގައި ކުރިޔަށް ގެންދިޔުމަށްޓަކައި، ހުށަހެޅި ހުށަހެޅުމަށް ރައީސް، އިސްކަން ދެއްވައި ބެހެއްޓެވި ހާއްސަ ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރެއްވިއެވެ.
އަދި މިސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން، އެފަދަ މަޝްރޫއުއެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީ، ފިޔޯރީގައި މަސްބަންދުކުރާ ކާރުހާނާއެއް އަޅުއްވަން ސަރުކާރުން ނިންމެވީކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ފިޔޯރީއަކީ ތަރައްގީއަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށާ، އަދި ފިޔޯރީއަކީ ތަރައްގީއާއި އަމިއްލަ ވަންތަކަން ދިރުވައި އާލާކުރަމުންދާ ރަށެއްކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އަދި މި ކާރުހާނާ ގާއިމުކުރެވުމުން، މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދާނެކަންވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން، މި ކާރުހާނާ ގާއިމުކޮށް ނިމުމުން އުފެދޭ ވަޒީފާގެ ފުރުސަތުތަކުގެ އިތުރަށް، މަސްވެރިކަމުގެ ދާއިރާއަށް އިތުރު އުޅަނދުތައް ނެރެ، ޒުވާނުން މަސްވެރިކަމުގައި ޝާމިލުވުމުގެ ވިސްނުން ގެންގުޅުއްވުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، ސަރުކާރުން ވަނީ މަޝްރޫއުގެ ފަރުމާއަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ.
އެގޮތުން، ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3000 މެޓްރިކް ޓަނަށް ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭނެ ކާރުހާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

