ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވާފައިވާ ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް މިއަދު ހުޅުއްވައި ދެއްވަވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

”ޗާގޯސް މައްސަލާގައި ކުރީގެ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެނައުމަށް ނިންމައި, ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި އަނބުރާ ހޯދުމުގެ ޤާނޫނީ މަސައްކަތް ފަށައިފިން.“ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ގޯދަން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އެންގުމަށް ވިލަރެސް ކޮމިޓީން މަސައްކަތްތަކެއްކޮށް، އެކަމާ ބެހޭ ރިޕޯޓު މިހާރު ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށާއި، ކަމާ ބެހޭ މާހިރުން އެ ރިޕޯޓަށް ދީފައިވާ ލަފާތަކަށް ބިނާކޮށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށާއި، އަދި ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް)ގެ ނިންމުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.

މި މައްސަލައިގައި ކުރީ ސަރުކާރުން އިޓްލޮސްގައި ނެގި ސްޓޭންޑްތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި، އެ ސްޓޭންޑުތައް ނެގި ސަބަބުން އޮޅުންފިލުވުމަށާއި، ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަަޅު އެޅުމަށް އިންކުއަރީ ކޮމިޝަނެއް ހަދަން ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދައި، ޗާގޯސް ރާއްޖެއަށް ހޯދުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މޮރިޝަސްއަށްވުތެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ބަޔާންކޮށް އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ މަޝްވަރާތަކެއް ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.