ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދީ، އެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް، ”ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ“ ގެ ނަމުގައި ގައުމީ ސިޔާސަތެއް އެކުލަވައިލައި އިފްތިތާހުކޮށްފިއެވެ.
މި ސިޔާސަތު އިއްޔެ އިފްތިތާހުކޮށް ދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
ގައުމީ ފެނާއި ނަރުދަމާގެ ސިޔާސަތަކީ ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް މުޅި ރާއްޖޭގައި ތަރައްގީ ކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެކެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ، މި ސިޔާސަތުގެ ދަށުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ފޯރުކޮށް ދިނުމާއި، ގުދުރަތީ މީރުފެން ރައްކާތެރި ކުރުމާއި، އާ އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން، ދިރާސާ ކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި އަދި އާންމުން ހޭލުންތެރި ކުރުން ފަދަ މުހިންމު ދާއިރާތަކަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށެވެ.

