އިސްލާމިކް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މުއައްސަސާތައް ހިމެނޭގޮތަށް، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މި މާސްޓަރ ޕްލޭންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ އިތުރުން، މޯލްޑިވްސް ޒަކާތު ހައުސް، ކީރިތި ޤުރްއާނާ ބެހޭ ގައުމީ މަރުކަޒު އަދި ފަތުވާ މަޖިލިސް ހިމެނޭނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އިސްލާމްދީނުގެ ޞައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ދީނީގޮތުން ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ބޭނުންވާ ފަސޭހަ ނިޒާމުތަކެއް ގާއިމުކުރުމެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ (އިންޓަނޭޝަނަލް ނުވަތަ ލޯކަލް) ފާމްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެ މައުލޫމާތު ހޯދުމަށް ވުޒާރާއިން ވަނީ އެދިފައެވެ.
އަދި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 8 މާރިޗް 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

