ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާހުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ދިވެހިރާއްޖޭގެ ސިޔާދަތާ ގުޅިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން، އެ ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި 15 ޑިސެންބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު ކުރިއަށްގެންދެވި ފޯން ކޯލެއްގައިވެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ފޯޅަވަހި ސަރަހައްދުގެ އިގްތިސާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް، ހާއްސަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތަށް، ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން ވެސް މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައިޔޫސީއެން) އަށް ހިއްސާކުރައްވާފައިވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.