ސްކޭމްކޮށްގެން ހޯދި ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައި، އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަސަން، ބަންގްލަދޭޝް (28އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށްބުނެ މީހަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެ މިހާ އަތުން ފައިސާ ހޯދައި، އެހެން މީހެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން ބުނީ ހަސަންއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ. އޭނާ އެ ފައިސާ ނަގާފައިވަނީ ވޯކްޕާމިޓް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެންނެވެ.
މި މައްސަލައާ ގުޅިގެން، މި މަހުގެ 4 ވަނަ ދުވަހު ހަސަން، ބަންގްލަދޭޝް (28އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ސްކޭމްކޮށްގެން ހޯދާ ފައިސާ ބިދޭސީންގެ އެކައުންޓަށް ޖަމާކުރުވައި، ދައުރުކުރުވަމުންދާ މައްސަލަ ފުލުހުންނަށް ވަނީ ފާހަގަކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީ މަސައްކަތްތެރިއެއްގެ މިފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ މޯލްޑިވްސް އިމިގްރޭޝަނާ އެ މީހަކު ހަވާލުކުރާނެ ކަމަށާއި އަދި މިފަދަ އަމަލެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

