ފިރިމީހާ ނުވަތަ އަނބިމީހާއަށް ގޯއްޗެއް ލިބިފައި ވިޔަސް، މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މިކަން ހާމަކުރެއްވިއިރު، މިހާރު ހުޅުވާލާފައިވާ ސްކީމަށް އަނބިމީހާ ނުވަތަ ފިރިމީހާގެ މާލެ ސަރަހައްދުގައި ގޯއްޗެއް އޮތް ނަމަ، އެމީހެއްގެ ޝަރުތު ހަމައެއް ނުވެއެވެ.
ރައީސް ވިދާޅުވީ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ”އާއިލީ ބޯހިޔާވަހިކަމުގެ“ ނަމުގައި އާ ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެއާއި ވިލިމާލެއިން ތިން ކޮޓަރީގެ 7900 ފްލެޓް ދޫކުރުމާ ބެހޭ އުސޫލު އިއުލާންކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.
“ ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ”ބިންވެރިޔާ“ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓްކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ނިންމާފައިވާ ކަމަށެވެ.
އަދި 15000 ގޯތީގެ ތެރެއިން އެ ދެ ކެޓެގަރީން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

