ދިވެހިރާއްޖެއަށް މި އަހަރު 2.5 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުއްޖެއެވެ.

ރައީސް މިއަދު ދެއްވި އިއްވެވި ބަޔާނުގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އިން މި އަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަންދާޒާކޮށްފައިވާ ކަމަށެވެ.

”ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިޔަނަށް އިތުރުކޮށް 11.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދުން. މިކަން ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އަމާޒަކީ ރާއްޖެ ޕްރޮމޯޓްކުރުމަކީ އެންމެން ޝާމިލްވާ މަސައްކަތެއްގެ ގޮތުގައި ހެދުން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަމާޒު ހާސިލު ކުރުމަށްޓަކައި އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާގެ ގޮތުގައި ކަނޑައަޅައި އިއުލާން ކުރައްވާ ކަމަށެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އިން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބިފައިވެއެވެ.