މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިޔަށް ދިޔުމުގައި އަޅާ މުހިންމު އިތުރު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯގެ ނަމުގައި 24 ގަޑިއިރު ހިދުމަތް ދޭނޭ އޮފީހެއް ރައީސް އޮފީހުގައި ގާއިމު ކުރަން ނިންމަވާފައިވާކަމާއި، ކުރިޔަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި، މި ބިޔުރޯގެ ހިދުމަތް ދޭން ފެށޭނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިންގ ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައްފަދަ، އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން ކަމަށާއި، ޝަކުވާ މެނޭޖުކުރާނެ، އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ، ސްޓޭޓް އޮފް ދި އާޓް-އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުން ކުރިއަށްގެންދަވާ ޑިޖިޓަލައިޒޭޝަން މަޝްރޫއު ކުރިއަށްދާ ގޮތާއި، މި ދާއިރާއިން ކުރިއަށް ރޭވިފައިހުރި ކަންކަމުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ.
ރައްޔިތުންނަށް ހިދުމަތްކުރުމުގައި ސަރުކާރުގެ އެފިޝެންސީ މަތިކޮށް، ގުޑް ގަވަރނަންސް ގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަންގެ ނިޒާމު ގާއިމުކުރުމަކީ މި އަހަރު ވަރަށް ބޮޑު އިސްކަމެއްދިނުމަށް ނިންމާފައިވާ ކަމެއްކަމަށާއި، މިކަން ހާސިލުވުމުން ނަތީޖާއަކަށް ވާނީ، ހިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަ، ޚިދުމަތްދޭން ތިބޭ ދައުލަތުގެ މުވައްޒަފުންނަށް ލުއި، އަވަސް، ދެފުށްފެންނަ، ކޮރަޕްޝަންގެ ވަކިތަކަށް ޖާގަ ނުލިބޭ، އިތުބާރު ހިފޭ ހިދުމަތުގެ ނިޒާމެއް ގާއިމު ވެގެން ދިޔުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ މެއި މަހު އިފްތިތާހު ކުރި މޯލްޑިވްސް 2.0 ގެ ދަށުން، ދިވެހިދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޑިޖިޓަލް އައިޑީގެ ޒަރީއާއިން އިތުބާރާއެކު ބަރޯސާވެވޭ ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޑޭޓާ، ރައްކާތެރި ކަމާއެކު ވަގުތުން ވަގުތަށް ފޮނުވޭނެ ގޮތް އިންތިޒާމްކޮށް، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ގާއިމުކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހައްސާސް މައުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، އާރކައިވްކުރުމަށް ސޮވަރިން ކްލައުޑް ގާއިމުކޮށް، ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ސިޓިޒެން-ސެންޓްރިކްކޮށް، އެއް ފުރާޅެއްގެ ދަށުން އެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ޑިޖިޓަލް ރޮނގުން މުސްތަގްބަލަށް ފައްކާވެފައިވާ ޖީލެއް ބިނާކޮށް، ކުރިޔަށް އޮތް 3 އަހަރުގެ ތެރޭގައި ނިންމަވާނެކަމުގައި ރައީސް ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، މި މަޝްރޫއު ހިންގުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢުގެ މަގުޗާޓު އެކުލަވާލެވި، ކެބިނެޓުން ފާސްކުރައްވާފައިވާއިރު، މި މަގުޗާޓު ތަންފީޒުކުރުމަށްޓަކައި، މި އަހަރުގެ ބަޖެޓުގައި ހާއްސަ އިސްކަމެއްދެވޭނެކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ގައުމީ ފެންވަރުގައި ހިންގާ މި މަޝްރޫއު ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމްކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަނާބެހޭ ބިލާއި، ޑިޖިޓަލް އައިޑެންޓިޓީއާބެހޭ ބިލާއި، ސައިބަރ ސެކިއުރިޓީއާބެހޭ ބިލު މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރަށް ހުށަހަޅުއްވާނެކަމުގައިވެސް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.

