އަންނަ މަހުން ފެށިގެން، ހަފްތާއަކު އެއްދުވަހު ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ދަތުރެއް ކުރަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށެވެ.

އަދި ހަމަ އެހެންމެ، މި އަހަރުގެ މާޗު މަހުން ފެށިގެން، ކެބިނެޓުގެ ކޮންމެ ވަޒީރަކު ވެސް، ހަފުތާއަކު އެއް ފަހަރު، އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި

މި ބައްދަލުވުންތަކުގެ ތާވަލު ރައީސް އޮފީހުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ސާފުކުރައްވަން ބޭނުންފުޅުވާ މައުލޫމާތެއް ވާނަމަ، އެކަމަށް އެދި ފޯމު ހުށަހެޅުމުން، ގާނޫނީ ހުދޫދުގެ ތެރެއިން ހާމަކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި، ސަރުކާރުގެ ހުރިހާ އިދާރާއަކުން ދަނީ މައުލޫމާތު ހާމަކުރައްވަމުން ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރު ތެރޭގައި ރައީސް އޮފީހަށާއި، ވުޒާރާތަކަށް ފޮނުވި އާރްޓީއައި 93 އިންސައްތައަށް ވަނީ ޖަވާބުދީ ނިމިފައިކަމަށާއި، ޖަވާބު ތައްޔާރުކުރުމުގެ އެކި މަރުހަލާތަކުގައި އެއްކުރަންޖެހޭ އިތުރު މައުލޫމާތު ހުރުމާއި، އެކި ސަބަބުތަކާހުރެ ވަގުތު އިތުރުކުރަންޖެހުމުގެ ސަބަބުން އަދި ޖަވާބު ނުދެވި ހުރި އާރްޓީއައި ފޯމުތަކަށް ވެސް ދަނީ ޖަވާބުތައް ތައްޔާރުވަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ހަބަރުފަތުރާ ވަސީލަތްތަކާއި މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށްގެންވެސް ސަރުކާރުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ގެންދާކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.