އިސްލާމީ ދާއިރާއިން 90 މަޝްރޫއުއެއްގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތަކާއި ހަތް އިސްލާމީ މަރުކަޒާއި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ތިން ގޮތްޕަކާއި ހަ ވަގުފު އިމާރާތާއެކު ޖުމުލަ 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން މި އަހަަރު ދައުލަތުގެ ބަޖެޓުން ގަރަދުކޮށްގެން އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެކަމަށާއި މީގެ ތެރެއިން ތިން މަރުކަޒުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެއްބަސްވުމުގައި މިހާރު ސޮއިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.

”ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ އިސްލާމްދީން އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅުތައްކަމަށްވާ މިސްކިތްތައް. މިސްކިތްތަކަކީ އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް. އަޅުގަނޑު ދެކޭ ގޮތުގައި މި ޒީނަތްތެރިކަން ސައްތައިން ސައްތަ ދިވެހިރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަން ވާނެ.“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ހަމައެއާއެކު މިސްކިތްތައް އަޅާ ހުޅުވުމުގެ އިތުރުން ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތު ކުރުމަށްވެސް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެމުންދާކަމަށާއި އެގޮތުން ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ހޭދަކުރެވިފައިވާކަމަށާއި މިއަހަރު މިކަމަށް 15 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެެވެ.

މީގެ އިތުރުން މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށްވުރެ ގިނައިން ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން މި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން މާލެ ސިޓީގެ ހަތަރު މިސްކިތެއް އޭސީކުރެވޭނެކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.