ހުޅުމާލެގައި އިމާރާތް ކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް)ގެ ބިންގާ އަޅައި އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ މިސްކިތުގެ ބިންގާ އަޅަން ނިންމާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅިގެން 2 ރަބީއުލްއާހިރު 1448 ގައި ކަމަށެވެ. އެއީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.

އެ މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް އިމާރާތަކާއި ޕާކިން ސަރަހައްދެއް ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރަން ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށެވެ.

އެ މަޝްރޫއަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ފަންޑު ހަމަޖައްސައިދީފައިވާ ކަމަށްވެސް މިނިސްޓަރު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ.

”މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރާއްޖޭގައި ގާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫއަކަށް ވެގެންދާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.

އެ މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.

އަދި މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނެވެ

.މި މަޝްރޫއުގެ ޑިޒައިނިންއާއި ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުން ކަމަށާއި، މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 10 ހާސް މީހުންނަށް ނަމާދުކުރެވޭނެ ވަރުގެ މި ބޮޑު މިސްކިތް އަޅަނީ ހުޅުމާލެ ފޭސް 2 އާއި 3 އާއި ދެމެދުއެވެ.