މި އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ހދ.ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުން ހޮވައި، ޓެސްޓު ކޮށްލުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ގޮވައިލައްވައިފިއެވެ.

ރޭ ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، ފާއިތުވި 17 އަހަރުވެސް، އެ ސިޓީން ކައުންސިލް އިންތިހާބުތަކުގައި ވޯޓު ދިނީ އެމްޑީޕީއަށް ކަމަށާއި، މިފަހަރު އެކަން ބަދަލުކޮށް، ސަރުކާރަށް އެއްބާރުލުން ދެއްވާނެ ބަޔަކު ސިޓީ ކައުންސިލަށް ހޮވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފަލާހު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން އެދޭ ކަންތައްތައް ފަހިކޮށްދޭން ބޭނުންވާއިރު، އެކަމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދޭނެ ބަޔަކު ކައުންސިލަށް ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވާ އިބްރާހީމް ހަސަންއަކީ، ފަލާހު ވިދާޅުވި ގޮތުގައި، ވަރަށް އިހުލާސްތެރި، އަދި ތެދުވެރި ޒުވާނެކެވެ. އޭނާ މޭޔަރު ކަމަށް ހޮވުމަކީ ކުޅުދުއްފުއްޓާއި، މުޅި އެ ސަރަހައްދުގެ ކުރިއެރުމަށްޓަކައި ވެސް މުހިންމު ކަމެއްގެ ގޮތުގައި ފަލާހު ވަނީ ފާހަގަކުރައްވައިފައެވެ.

ރޭގެ ޖަލްސާގައި ފަލާހު އިތުރަށް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ  ޑރ.މުހައްމަދު މުއިއްޒު އިއްވެވީ ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް ކަމަށާއި، ރައީސްގެ ރިޔާސީ ބަޔާނާއެކު އެމްޑީޕީގެ މެމްބަރުން އަތްތިލަބަނޑި ވެސް ޖެހި ކަމަށެވެ.

އަދި އެމްޑީޕީގެ ސަރުކާރުގައި ތަރައްގީގެ ބޮޑު އެއްވެސް މަޝްރޫއެއް ނިންމާފައި ނުވާ ކަމަށާއި އެ ޕާޓީގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދަށް ފައިދާއެއް ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.