އިދިކޮޅު އެމްޑީޕީ އަކީ އަބަދުވެސް އަމިއްލަ މަސްލަހަތު އިސްކުރާ ބައެއް ކަމަށާއި، އެ ޕާޓީއަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު ގައުމަށް ދިނީ އަނިޔާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ގައުމަށް ވަރަށް ބޮޑެތި އަނިޔާތައް ދީފައި އެބަހުރި ކަމަށެވެ. އެގޮތުން އެ ޕާޓީއަށް 2008 ވަނަ އަހަރު ވެރިކަން ލިބުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ވެސް ވިއްކާލީ ކަމަށާއި، އެ ޕާޓީން ދިން އަނިޔާތައް ދިވެހީން ހަނދާން ކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

”އެމްޑީޕީން ވެރިކަމަށް އައިސް ފައިބައިގެންދާ ކޮންމެ ފަހަރަކު، ދިވެހީންގެ ހުރިއްޔާ ހުރި ހަރު މުދަލެއް ހުންނާނީ ވިއްކާލާފަ.“ އޭނާ ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އިސްލާމްދީނާ ވެސް ވަރަށް ބޮޑަށް ބީރައްޓެހި ބައެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވެވި އިރު، ދީނީ ވާހަކަތައް އެމަނިކުފާނު ދެއްކެވި ވަގުތު އެމްޑީޕީން ކުރި ކަމަކީ ކަށިގަނޑު ފުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމުންވެސް ހާމަވަނީ އެމްޑީޕީ އަކީ އިސްލާމްދީނާ ވެސް ވަރަށް ދުރު ބީރަށްޓެހި ސިޔާސަތެއް ގެންގުޅޭ ބައެއްކަން ކަމުގައެވެ.