”ބޭބީބިއޯ“ ފޯމިއުލާގެ ބައެއް ބެޗުތަކުން ޖަރާސީމު ފެނި، ރާއްޖޭގައި އެ ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ބޭބީބިއޯ ފޯމިއުލާގެ ބައެއް ބެޗުތަކުން ”ސެރެއުލައިޑް“ ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ވަނީ އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިިސްޓަމް ފޯ ފުޑް އެންޑް ފީޑުގައި އާންމުކޮށްފައިވާ ކަމަށް ބުނެފައެވެ.

ސެރެއުލައިޑްއަކީ ބެސިލަސް ސީރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ.

އެ މައްދާ އިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލެވުމާއި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނެއެވެ.

ބޭނުންކުރުން މަނާކުރި ބޭބީބިއޯގެ ބެޗުތައް:

 

ބޭބީބިއޯ އޮޕްޓިމާ 1 ގެ 400 ގްރާމުގެ ބެޗު ނަމްބަރު 900932

ބޭބީބިއޯ އޮޕްޓިމާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 894408

ބޭބީބިއޯ އެޕްޓިމާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 900035

ބޭބީބިއޯ ކެޕްރީއާ 1 ގެ 800 ގްރާމުގެ ބެޗު ނަމްބަރު 899014

ފްރާންސްގައި އުފައްދާ ”ބޭބީބިއޯ“ ފޯމިއުލާ މަނާކުރި އިރު، މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ޖަރާސީމު ފެނިގެން، ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ ބޭނުންކުރުން ވެސް މަނާކުރިއެވެ.