ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސް މިއަދު ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަސްމާރުކޭޓު ސަރައްހައްދުގައި މަގު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ.

ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބެވެ.

ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓުގައި ހަދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ.

އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅުއްވާފައި ވަނީ ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމެވުމަށެވެ.

9 އޭޕްރިލް 2025 ގައި އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ، ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން އެ މަގު ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިމެނިގެން ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގުހަދައި، އެ ސަރަހައްދު ހުޅުވީ 2025 ޑިސެންބަރު މަހުއެވެ.