ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ ހޯނޑެއްދޫ ސާވެން، ރަޝީދުގެ މޫނު، އަދިވެސް އޭނާގެ އާއިލާއަށް ދައްކާފައި ނުވާއިރު، އޭނާގެ އާއިލާގެ މެމްބަރުން އިއްޔެ ވަނީ އެމީހުންގެ އިހްސާސްތައް މީޑިއާތަކާ ހިއްސާކޮށްފައެވެ.

Ads by Asuru

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އަބްދުﷲގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމަށް ފޮނުވަން ނަމަވެސް، އެކަން ކުރަން ބޭނުންނުވާ ކަމަށާއި ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން ދަނީ ފުލުހުންނަށް ތަކުރާރުކޮށް އެދެމުންނެވެ.

މީޑިއާތަކާ ވާހަކަ ދައްކަމުން އަބްދުﷲގެ މަންމަ މަރިޔަމް ބުނީ ކުލަ ހެދުމުގައި ތިބި ފުލުހުން އަބްދުﷲ ގޮވައިގެން ދިޔައީ އެދުވަހު ގާތްގަނޑަކަށް ތިން ގަޑި ފަންސާހުގައި ކަމަށެވެ. އެދުވަހު ދަރިފުޅާ ބައްދަލުވެސް ނުވެ އުޅެނިކޮށް އެމީހުން ގެންގޮސް އޭނާ ލޯންޗަށް އެރުވި ކަމަށް މަރިޔަމް ކިޔައިދިނެވެ.

ލޯންޗަށް އެރުވުމުން، ވަރަށް ބޮޑަށް މޭގައި ރިއްސާތީ، އަބްދުﷲ އެވާހަަކަ ބުނުމުން، މަރިޔަމް ބުނި ގޮތުގައި، ފުލުހުން ބުނީ އޭނާ ”ފޭކު“ ޖައްސަނީ ކަމަށެވެ.

މަރިޔަމް ބުނީ އެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާންއާއި ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝިހާމްގެ އިތުރުން ރަށު ހޮސްޕިޓަލުގެ މެނޭޖަރުވެސް އެތަނަށް ދިޔަ ކަމަށެވެ. އަދި އެމީހުންވެސް އަބްދުﷲ ހޮސްޕިޓަލަށް ގެންދިއުމަށް ބުނި ނަމަވެސް އެމީހުންގެ އަޑުވެސް ފުލުހުން އަހާފައި ނުވާކަން މަރިޔަމް ފާހަގަކުރިއެވެ.

އަބްދުﷲ ހޮސްޕިޓަލަށް ނުގެންދެވޭ ނަމަ ޑޮކްޓަރު އެތަނަށް ގެނެވޭނެ އިންތިޒާމް ހަމަޖައްސަން ހޮސްޕިޓަލު މެނޭޖަރު އެދުނު ކަމަށް ވެސް މަރިޔަމް ބުންޏެވެ.

މަރިޔަމް ބުނީ އަބްދުﷲގެ ހަށިގަނޑު މާލެ ގެނައީ އާއިލާ މާލޭގައި ދިރިއުޅޭތީ، އާއިލާއަށް ދައްކަން ކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު މާލެ ގެނެސް މޯޗަރީގައި ބޭއްވުމަށްފަހު މިހާރު އެތަނަށް ވެސް ވަނުމަށް ހުރަސް އަޅަމުންދާ ކަމަށް މަރިޔަމް ބުންޏެވެ.

”ދެން އަހަރުމެންނަކަށް ނޭނގޭ، އަހަރުމެން ހީކުރީ އާއިލާ ތިބީ މާލޭގަ ވީމަ، އާއިލާއަށް ދައްކާފަ ވަޅުލަން ކަމަށް މި މީހުން މި ގެނައީ. ދެން މިމީހުން ގެނެސް މިތަނަށް(މޯޗަރީ)އަށް މި ވެއްދީ. ދެން އަޅުގަނޑުމެންނަކަށް ނޭނގޭނެ، ދުވަހަކުވެސް، މި ވީކަމެއްވެސް. ދެން އަޅުގަނޑު ބުނިން އޭނާ ސަހަރާއަށް ގެންގޮސް ވަޅުލަންވީނޫންހޭ؟ ބުނިހާއިރުން ބުނީ، ޕޯސްޓްމޯޓަމް ހަދަން ޖެހޭނޭ. އަޅުގަނޑު ކައިރީގަ އެކޮޅުގަވެސް ބުނި. އަޅުގަނޑު ބުނިން ބޭނުމެއް ނޫނޭ އަޅުގަނޑުގެ ދަރިފުޅަށް ދެން އިތުރު އެއްވެސް އަނިޔާއެއް ދޭން. ދެން އަޅުގަނޑުމެން ބޭނުމީ އޭނާ ހިނަވާ ކަފުންކޮށްފަ ވަޅުލާށޭ ބޭނުމީ.“ އަބްދުﷲގެ މަންމަ ބުންޏެވެ.

އަބްދުﷲގެ މަންމަ ވަރަށް އަސަރާއެކު ކުރި ސުވާލަކީ، މަރުވެފައި އޮތް ދަރިފުޅުގެ ހަށިގަނޑު ބާއްވާފައި، ގެއަށް ގޮސް ނިދަން އޮވެވޭނީ ކޮން މަޔަކަށްތޯއެވެ؟

”އެމީހުންނަށްވެސް އެނގޭނެ، އެމީހުންނާ ޖެހުނީމަ ވާނެ ގޮތް. މައެއްގެ ހިތަށް ކުރާނެ އަސަރު، މައެއްގެ ލަގޮނޑިއަށް ކުރާނެ އަސަރު.“

މީޑިއާތަކަށް މައުލޫމާތު ދެމުން އަބްދުﷲގެ ކޮއްކޮވެސް ބުނީ އޭނާގެ ބޭބެ މަރުވެފައި ވަނީ ފުލުހުންގެ 100 ޕަސެންޓް އިހުމާލުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަބްދުﷲގެ މަންމަ ބުނީ، އަބްދުﷲ މަރުވެފައިވަނީ ފުލުހުންގެ އިހުމާލުން ކަމަށް އޭނާ ގަބޫލު ކުރިއަސް، ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑަށް އިތުރު އަނިޔާތަކެއް ކުރަން ބޭނުން ނުވާ ކަމަށާއި، އާއިލާއިން ބޭނުންވަނީ އަބްދުﷲގެ ފުރާނަ ނެތް ހަށިގަނޑު ކަމަަށެވެ. އަދި މިކަމުގައި މައްސަލައެއް ޖައްސައި، ދައުވާ ކުރަންވެސް ބޭނުން ނުވާ ކަމަށާއި، އެކަން ކޮށްގެން އަލުން އަބްދުﷲ ނުލިބޭނެ ކަމަށެވެ.