އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދޫނި ރޯގާ ޖެހިގެން 85،000 އެއްހައި ދޫނި މަރުވެއްޖެއެވެ.

މިގޮތުން ޓެމިލް ނާޑޫއިން 1500 އެއްހައި ކާޅު މަރުވެ، އެ ކާޅުތައް އެޗް5އެން1އަށް ޓެސްޓު ކުރުމުން، އެ ބައްޔަށް ފައްސި ވެފައިވާއިރު، އިންސާނުންނަށް މި ނުރައްކާތެރި ބަލި ޖެހުން ހުއްޓުވުމަށް، ދޫނިތައް މަރަން ޖެހިދާނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެޗް5އެން1 އަކީ އާއްމުގޮތެއްގައި ދޫންޏާއި ކުކުޅު ފަދަ ތަކެއްޗަށް ޖެހޭ ބައްޔެކެވެ. މިއީ އިންސާނުންގެ މެދުގައި އެހައި ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ.

ނަމަވެސް މި ބަލި ޖެހިފައިވާ ދޫންޏެއްގެ ފަރާތުން އިންސާނުންނަށް ވެސް ބަލި ވާސިލުވެގެން ދިޔުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ދޫނީގެ އަނގައިން އަންނަ ކުޅާއި، ބޮޑުކަމުދާތަކެތީގެ ޒަރީއާއިން މި ބަލި ފެތުރޭނެއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ އިންސާނުންގެ މެދުގައި މި ރޯގާ ފެތުރި ”ޕެންޑެމިކް“އަކަށް ވެގެންދިޔުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

ނަމަވެސް އެ އިދާރާތަކުން މަސައްކަތް ކުރަމުންދަނީ އަސްދޫންޏާއި ކުކުޅު ފަދަ އިންސާނުން ކައި އުޅޭ ތަކެއްޗަށް ބަލި ޖެހުން ހުއްޓުވުމަށެވެ.

އެހެންނޫންނަމަ، އެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.