އާއިލާގެ ނުރުހުމުގައި މައްޔިތާގެ ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަށް ލިބިގެން ނުވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކުރޫ ވިދާޅުވެއްޖެއެވެ.

 

އާޒިމާ މިހެން ވިދާޅުވެފައިމިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ، ސާވެން، ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ އާއިލާ އިން ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ.

ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަަމަށް، އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ.

އާޒިމާ ވިދާޅުވީ އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް 24 ގަޑިއިރަށް ވުރެ ގިނައިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޒިރު ކުރުމަށް ފަހު އެކަމަށް ކޯޓުން އަމުރު ހޯދައިގެން ކަމަށާއި އެ މާއްދާއަކުން މަރުވެފައިވާ މީހެއް އިސްތިސްނާއެއް ނުކުރާ ކަމަށެވެ.

އަދި ޖިނާއީ އިޖްރާތުގެ ގާނޫނަށް ބަލައިފިނަމަވެސް އެއްވެސް މީހެއްގެ ހަށިގަނޑުން ސާމްޕަލް ނެގޭނީ އެ މީހެއްގެ ހުއްދަ ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

”މި ހުކުމް މަރުވެފައި އޮންނަ މައްޔިތާއަށްވެސް ހިނގާނެ. އެއީ ޕޯސްޓްމޯޓަމް ހެދުމާއި ބެހޭ ގާނޫނެއް ނަތީމަ. އެހެން ކަމުން މި ހުކުމަށް ބަލާއިރު މައްޔިތާގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ އޭނާގެ ޝަރުއީ ބެލެނިވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދިނީމަ.“ އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވި ގޮތުގައި އެ ނޫން ގޮތަކަށް ފުލުހުންގެ ތަހުގީގަކަށް ޕޯސްޓްމޯޓަމް ހަދަން ބޭނުން ނަމަ ކޯޓްގެ އަމުރެއް ހޯދަން ޖެހޭނެ އެވެ. އަދި މިހާރު އާއިލާއިން ނުވަތަ ވާރިސުން ހަށިގަނޑު ހޯދަން ބޭނުން ނަމަ އާއިލާ އާ ހަށިގަނޑު ހަވާލުނުކޮށް ބޭއްވޭނީ ހަމަ އެކަނި ކޯޓް އަމުރެއްގެ ދަށުން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވަނީ މައްޔިތާގެ ހަށިގަނޑަކީ ވާސިރުންގެ ހައްގެއް ކަމަށާއި އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފެހެއްޓުމުގެ ބާރެއް އަދި ރާއްޖެއިން ފުރުވާލުމުގެ ބާރެއް އަދި ޕޯސްޓްމޯޓަމް ހެދުމުގެ ބާރެއްވެސް އެއްވެސް ގާނޫނަކުން ދައުލަތަކަށް ލިބިގެން ނުވާ ކަމަށްވެސް ވިދާޅުވެފައެވެ.