ދިވެހިރާއްޖޭގެ ސިޔާދަތީ ހައްގަށް އުނިކަން ލިބިދާނެ އެއްވެސް ކަަމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް)އިން ބުނެފިއެވެ.

Ads by Asuru

އެ ޕާޓީން މިހެން ބުނެފައިވަނީ. ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވުމާ ގުޅިގެން، މިއީ އެޕާޓީއާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނިންމި ނިންމުމެއް ނޫންކަން ހާމަކޮށް، އިއްޔެ ނެރުނު ބަޔާނުގައެވެ.

އެބަޔާނުގައި ވަނީ ގައުމުތައް އަޅުވެތި ކުރުމާ ރާއްޖެ އަބަދުވެސް ދެކޮޅު ކަމަށާއި، އެ ސިޔާސަތަކީ ހަމައެކަނި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. ނަމަވެސް މޮރިޝަސްއިން ބޭނުންވާ ގޮތަށް، ފޯޅަވައްސަކީ މޮރިޝަސްގެ ތަނަކަށް ހެދުމަށް ދެކޮޅުވަނީ، އިނގެރޭސީންގެ އަތްދަށުން މިނިވަންވީއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ތަނަކަށް ނުވާތީ އާއި، ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، އިގްތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީ ކަަމަށެވެ.

އެމްއާރްއެމުން ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބުނާގޮތުން ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ލިބިފައިވާ ކަމަށާއި، އަދި މީގެ ކުރިން ދިވެހި ދައުލަތަކުން، މި ސަރަހައްދަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާ ކަމަށްވެސް އެބަޔާނުގައިވެއެވެ.

”އެކަން އެހެން އޮތްއިރު، 2019ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެ ސިޔާސަތު ބަދަލުވި ސަބަބު ހާމަކޮށްފައި ނުވުމުން، އޭގެ އަޑީގަ ކަންތައްތަކެއް ވާނެ ކަމަށް ރައްޔިތުން ދެކޭތީ، ކަން ހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމު ކަމަށް، އެމްއާރްއެމްއިން ދެކެމެވެ.“

އެޕާޓީން އިތުރަށް ބުނީ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއް ކަމަށް އައި.ސީ.ޖޭއިން އދއަށް ލަފާ ދިނުމަށްފަހު، 2019 ވަނަ އަހަރު، އދގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށްފަހު، މިހާރު ކުއްލިއަކަށް ސިޔާސަތު ބަދަލު ކުރަން ނިންމުމުގެ ކުރިން ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ހައިސިއްޔަތުން އެމްްއާރްއެމްއާ އެއްވެސް މައުލޫމާތެއްވެސް ހިއްސާ ކޮށްފައިނުވާ ކަމަށެވެ.

މި މައްސަލައަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ގުޅުން ހުރި މައްސަލައެއްކަން ފާހަގަކޮށް، އެމްއާރްއެމުން ބުނީ، އިގްތިސާދީ ގޮތުން ދިވެހީންނަށް ވަރަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށްވެސް، މިކަމުގެ ސަބަބުން ގެއްލުންތަކެއް ލިބޭނެ ކަމަށެވެ.

”މި މައްސަލައިގައި ސަރުކާރުގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މިކަމުގައި މަޖިލީހުގެ ބަހެއްވެސް ސަރުކާރުން ހޯއްދަވާފައި ނުވާތީ، އެމްއާރްއެމްއިން ނުހަނު ކަންބޮޑުވަމެވެ. މީގެއިތުރުން، މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ ފަރާތްތަކުގައި ވަކާލާތު ކުރެއްވުމުގައި، ކަމުގެ ފަންނީ މާހިރުން ދިވެހީންގެ ތެރޭގައި ތިއްބެވިއިރު، އޭގެތެރެއިން ގިނަ ބޭފުޅުންގެ ލަފާޔާ މަޝްވަރާ ހޯއްދަވާފައި ނުވާކަމީ ހިތާމަހުރި ކަމެކެވެ.“

އެމްއާރްއެމުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު، ވީ އެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.