އަމިއްލަ ގޮތުން ލޯކަލް ކައުންސިލްގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓުން ނޫންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހު ވިދާޅިވެއްޖެއެވެ.

ޕީއެންސީން މާފަންނުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި އެޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބަށް ކަނޑައަޅާފައިވާ ކެމްޕެއިން މެނޭޖަރު ކަންވެސް ކުރައްވާ ފަލާހު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތި ލާފައިވަނީ ޕީއެންސީ އަދި އެމްޑީޕީން ކަމަށެވެ.

މީގެ އިތުރުން ވެސް އެހެން ޕާޓީތަކުން ވެސް މަދު އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަމިއްލަ ގޮތުންވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އަމިއްލަ ގޮތުން ވާދަކޮށްފައިވާ ކެންޑިޑޭޓުންނަކީ ސަރުކާރަށް ތާއީދު ކުރާ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ބުނެ އަޑުފަތުރަމުންދާ ކަމަށާއި، އެއީ ހަގީގަތާއި ހިލާފު ވާހަކަ ތަކެއްކަމަށެވެ.

ނަމަވެސް ރައްޔިތުން ވިސްނަން ޖެހޭ ކަމަކީ އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކީ ޕީއެންސީގެ ކެންޑިޑޭޓެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޕީއެންސީގެ ކެންޑިޑޭޓުންނަކީ ޕީއެންސީން ޓިކެޓް ދީގެން އެ ޕާޓީގެ ތާއީދާއެކު އިންތިހާބުގައި ވާދަކޮށްފައިވާ ކެންްޑިޑޭޓުން ކަމަށެވެ.

ފަލާހު ވިދާޅުވީ ޕީއެންސީގެ އެއްވެސް ކެންޑިޑޭޓެއް އަމިއްލަ ގޮތުން ވިޔަސް އަދި އެއްވެސް އެހެން ޕާޓީއެއްގެ ތާއީދާއެކު ވެސް އިންތިހާބުގައި ވާދަކޮށްފައި ނުވާނެކަމަށެވެ.

ފަލާހު ވިދާޅުވީ ބައެއް ކެންޑިޑޭޓުންނަށް ހީވެފައި ވަނީ އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އަމިއްލަ މަންފާއެއް ހާސިލްކުރުމަށްފަހު ކޮންމެވެސް ޕާޓީއަކާއި ގުޅެންކަމަށާއި އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

ފަލާހު ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީގެ މެމްބަރުންނަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވަންވީ ސަބަބުތައް ވިދާޅުވެ، އެ ކެންޑިޑޭޓުން ހޮވަން އެދިވަޑައިގަންނަވާފައެވެ.