ކޯރަމް ހަމަވެފައިވާ މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާ އެ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް  ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވެ، ނުފޫޒުގެ ބޭނުން ކޮށްގެން ނިންމަވާލައްވާފައިވާ ކަމަށް އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

އަރީޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާކޮށް ޖަލްސާގެ ކޯރަމްވެސް ބަރާބަރަށް ހަމަވެފައި ވަނިކޮށް ކޯރަމް ހަމަނުވާކަމަށް އިއުލާނުކޮށް ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލާފައިވާކަމަށެވެ.

އަރީޝް ވިދާޅުވީ މާލޭ ސިޓީ ރައްޔިތުން ހޮވާފައިވާ މޭޔަރު އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ގަސްތުގައި ރައްޔިތުންނަށް ވާ އިހުމާލެއް ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީގެ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާތައް ބާއްވާ ދުވަހަކީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަސް ކަމަށް ކަނޑައަޅާ އެކަން ދާއިމީކޮށް ކުރަމުން އަންނަތާ އެތައް ދައުރެއް ފާއިތުވެއްޖެކަމަށެވެ.

މޭޔަރު އާދަމް އާޒިމް 4 ވަނަ ދައުރުގެ 234 ވަނަ ޖަލްސާ މިއަދަށް ތާވަލްކުރެއްވީ ކުއްލިއަކަށް ކަމަށެވެ.

އަދި މިއީ ކޯރަމް ހަމަނުވުމުގެ އިލްޒާމް ކައުންސިލަރުންގެ ބޮލުގައި އެޅުވުމަށް ކުރިކަމެއް ކަމަށް ބެލެވޭ ކަމަށް އަރީޝް ވިދާޅުވިފައިވެއެވެ.

ނަމަވެސް މިއަދަށް އެޖެންޑާކުރި ޖަލްސާއަށް ސާފުކޮށް ކޯރަމް ހަމަވާވަރަށް ދިހަ މެންބަރުން ވަނީ ގަޑިއަށް ހާޒިރުވެފައިކަންވެސް އަރީޝް ފާހަގަކުރައްވާފައިވެއެވެ.

ސިނަމާލެ ފުލެޓްތަކުގެ ޖޫރިމަނާ މައާފުކޮށްދިނުން ވެސް އެޖެންޑާކޮށްފައި އޮތް އެއްކަމަކީ ސިނަމާލެ ފުލެޓްތަކުގެ ޖޫރިމަނާ މައާފުކޮށްދިނުން ކަމަށާއި، މިޖަލްސާގައި ކޯރަމް ހަމަނުވާ ކަމަށް އިއުލާނުކޮށް ވަރަށް ހުދުމުހުތާރު ގޮތަކަށް މޭޔަރ އާޒަމް ކެންސަލްކޮށްފައިވާ ކަމަށެވެ.

ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށް ދިނުމަކީ، މިއަހަރުގެ ޖެނުއަރީމަހު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމެއް ކަމަށާއި، އަދި އެ ނިންމުން ތަންފީޒުކުރަން 7 ޖެނުއަރީގައި މާލެ ސިޓީ ކައުންސިލަށް ރައީސް އޮފީހުން އަންގާފައިވާކަމަށް އަރީޝް ވިދާވެފައިވެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ސިނަމާލެ ފްލެޓްތަކުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް މިކަން ނިންމަވާ ސިޓީ ކައުންސިލަށް އަންގަވާފައިވާކަމުގެ މައުލޫމާތު ސިނަ މާލެ ފްލެޓްތަކުގެ ރައްޔިތުންނަށް ދެއްވާފައިވާފައިވާކަމަށާއި، މިގޮތަށް މާކުރިން ނިމި ހަމަޖެހިފައިވާ ކަމެއް މި ޖަލްސާއަށް މޭޔަރު އާދަމް އާޒިމް އެޖެންޑާ ކުރެއްވި ސަބަބެއް ނޭނގޭ ކަމަށްވެސް އަރީޝް ވަނީ ފާހަގަކުރައްވާފައެވެ.

ކައުންސިލަރުންނާ މަޝްވަރާވެސްކޮށް ނުލާ އަންގާރަ ދުވަހު ރަސްމީ އާއްމު ޖަލްސާއެއް ކުއްލިއަކަށް ބާއްވަން ނިންމާ އަދި ސާފުކޮށް ކޯރަމް ހަމަވެފައި އޮއްވާ މިއަދުގެ ޖަލްސާ ކެންސަލްކުރި ސަބަބެއްވެސް ނޭނގޭ ކަމަށްވެސް އަރީޝް ވަނީ ވިދާޅުވެފައިވެއެވެ.

އަރީޝް ފާހަގަކުރައްވައިފައިވާ ގޮތުގައި  މުޅިންވެސް މި ފެންނަނީ ކައުންސިލަރުންގެ ބަހެއް އެހުމަކާ ނުލައި އަމިއްލަ އެދުންތައް ހާސިލްކުރުމަށް ކަންކަން ރާވާ، އަދި ގާނޫނާ ހިލާފަށް ޖަލްސާތައް ކެންސަލްކޮށް، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނާ، އެ ރައްޔިތުން އިންތިހާބުކުރި ކައުންސިލަރުންގެ ހައްގުތަކަށް މޭޔަރު އާދަމް އާޒިމް އަރައިގަންނަ މަންޒަރު ކަމަށެވެ.