ކުރީގެ ސަރުކާރުން 2 މިލިއަނަށް ހަދާފައިވާ ރިޒާވްގައި މިހާރު 1.1 ބިލިއަން އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދުގެ ސަރުކާރުން ވަނީ ދައުލަތުގެ ރިޒާވްގައި އޭރު ހުރި 300 މިލިއަން ޑޮލަރު 2 މިލިއަން ޑޮލަރަށް ތިރިކޮށްފައި ކަމަށާއި، މިއަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ރިޒާވްގައި ހުރީ އެންމެ 15 ދުވަހުގެ ކާބޯތަކެތި ގަނެވޭނެހާ ފައިސާކަމަށެވެ.

ނަމެވެސް މިއަދު އެ ރިޒާރވްގައި 1.1 ބިލިއަން ޑޮލަރު އެބަރުހި ކަމަށް ސައީދު ވަނީ ވިދާޅުވެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ވޯޓް ދޭއިރު ވިސްނަން ޖެހޭނީ އިދިކޮޅުން ވާދަކުރާ ފަރާތްތަކުން ސަރުކާރުގައި ތިބި އިރު ކަން ކޮށްފައި އޮތްގޮތަށް ކަމަށާއި، އެގޮތުން ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ޑިމޮކްރަޓިކް ނިޒާމަށް ލިބިފައި ހުރި ގެއްލުންތަކަކީ ކޮބައިތޯ އާއި ޚާއްސަކޮށް ލޯކަލް ގަވަރމެންޓްގެ ނިޒާމާއި ދެތެރޭ އަމަލުކޮށްފައިވާ ގޮތާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ.

އަދި ގައުމުގެ އިޖްތިމާއީ މިންގަނޑަށް ކަންކޮށްފަ އޮތްގޮތާއި، ގައުމުގެ އިގްތިސާދު ވައްޓާލި ފުންވަޅުގަނޑަކީ ކޮބައިތޯ ވިސްނާލަންޖެހޭ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ އަނެއްކާވެސް ހަމަ އިންތިޚާބުތަކަށް ކުރިމަތިލާފައިވަނީ އެމީހުން ކަމަށާއި، ދެއަހަރެއް ހާ ދުވަހުގެ ތެރޭގައި ތިމަންނަމެންގެ މާ މޮޅުކަމެއް އެބައޮތޭ ބުނެ ތާޒާކަންމަތީ ނިކުންނަނީ ހަމަ ކުރީ ސަފުގައި ރައީސް ސޯލިހު ހުންނަވައިގެން ކަމަށެވެ.

ދެންވެސް އެ ބޭފުޅުން ތާއީދު ކުރާ ކެންޑިޑޭޓުން ހޮވައިނަމަ އެކަންތައް ތަކުރާރުވެގެން ނުދާނެތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މީގެ ކުރީގެ ރައީސުން ވައުދެއް ވެފައި ދުވަސްކޮޅަކުން ރައްޔިތުން ހަނދާން ނެތޭނެ ކަމަށް ހީކުރާ ކަމަށެވެ.

ނަމަވެސް މިއަދުގެ ރައީސް އެ ހާލަތު ބަދަލުކޮށްފައި ވާކަމަށާއި، ވައުދުތަކެއް ވެ އެ ވައުދުތައް ޗާޕުކޮށް، ތިމަންމަނިކުފާނު ޒިންމާދާރު ކުރުވާށޭ ވިދާޅުވެ، އެ ފޮތް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދީފަކަމާއި، އަދި  އެ ވިސްނުމާއި އެކު ރައްޔިތުން ރައީސްއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފައިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

އިންތިހާބެއް އަންނަނީ ރައްޔިތުން އިތުބާރުކުރި ތަސައްވަރަކަށް އެންޑޯސްމެންޓެއް ހޯދުމަށް ކަމަށާއި، ޑިމޮކްރަސީ އެކަން އޮންނަ ގޮތަކީ އެއީކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ގައުމުގެ 52 ޕަސެންޓަކީ ކަނބަލުން ކަމާއި، ކަނބަލުން ބާރުވެރި ނުކޮށް ދިވެހިރާއްޖެ ލާމަޒީ ނުކުރެވޭނެ ކަމަށެވެ.

ޑަބްލިއުޑީސީގެ މެމްބަރުންނަށް ރޯދަ އެލަވަންސް ދިނުމާއި، މުސާރަ ކަނޑައެޅުމުގެ އިތުރުން އިތުރު  އިނާޔަތް ދިނުމަށް ނިންމާފައިވަނީވެސް މިއަދުގެ ރައީސް މުއިއްޒު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ވަނީ އެންމެ ދެއަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ހުރިހާ ކައުންސިލްތަކާއި އަދި ރައްޔިތުންނާއި ބައްދަލުކޮށް އެފަރާތްތަކުގެ އަޑު އައްސަވާފައިވާ ކަމަށެވެ.

އެގޮތުން ޑަބްލިއުޑީސީއަށް ވާދަކުރި އަދި އެ ކޮމިޓީގައި ތިއްބެވި ބޭފުޅުންގެވެސް އެންމެ ބޮޑު އެއްޝަކުވާ އަކީ އެ ކޮމިޓީއަކީ ބީރައްޓެހި އަދި ނިޒާމްގެ ތެރެއިން ނުދަންނަ ބަޔަކަށްވުން ކަމަށެވެ.

ނަމަވެސް މިއަދު ރައީސް ވަނީ އެ ކޮމިޓީއަށް އަހަމިއްޔަތުކަންދީ އެއީ ނިޒާމްގެ ތެރޭގައި ދަންނަ ބަޔަކަށް ހަދާ އެކަމަށް އަމަލީ ސިފަ ގެނެސްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ކައުންސިލްގެ މުއައްޒަފުން ތިބެނީ ހަތަރުވަނަ ކެޓަގަރީގައި ކަމަށާއި ނަމަވެސް ރައީސް ވަނީ އެމީހުންގެ މުސާރަ އިތުރުކުރުމަށްފަހު އެކަންވެސް އެހާލަތު ބަދަލުކުރައްވާފައިކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މިނިސްޓަރު ވަނީ ފާއިތުވި ދެ އަހަރެއް ހާ ދުވަސް ތެރޭގައި ސަރުކާރުން ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.

އަދި ޕީއެންސީއިން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ވޯޓްދޭންވީ އެ ސަބަބުތަކަށްޓަކައި ކަމަށްވެސް މިނިސްޓަރ ސައީދު ފާހަގަކުރެއްވިއެވެ.