އަންނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މި ބަޖެޓު ހުށެހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިޙް ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން ކަމަށެވެ

އަންނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައި ވަނީ 42،680،269،914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާ އެވެ. މީގެ ތެރެއިން ޙަރަދުގެ ގޮތުގައި ހިންގާނީ 40.6 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރެންޓް ޙަރަދުގެ 28.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޙަރަދުގެ 14.1 ބިލިއަން ރުފިޔާ އެވެ. ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާ ކަމަށާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާ ކަމަށް އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.