ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކައި ނިންމައިލައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ސޯޝަލް މީޑިއާގައި މިކަން އިއުލާން ކުރައްވައިފައެވެ. އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ބިން ހިއްކުމަށް ބޭނުން ކުރި ޑްރެޖަރު މިދިޔަ މަހުގެ 3 ގައި ދިއްދުއަށް ގޮސް ބިން ހިއްކުމުގެ މަސައްކަތް ފެށީ ޖެހިގެން އައި ދުވަހެވެ.

އަދި އޭގެ 50 ދުވަސް ފަހުން، ބިން ހިއްކައި ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ދިއްދޫގެ 112 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވާ ކަމަށެވެ. ހިއްކި ސަރަހައްދަށް 5,492,089 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހިންގި މަޝްރޫއެކެވެ. ބިން ހިއްކައި ނިމުމާއެކު، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ދާދި އަވަހަށް ފަށާނެއެވެ.

ދިއްދޫގެ ބިން ހިއްކުމަކީ ރައީސްގެ ވަރަށް މުހިންމު ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު ވަނީ އެކަމަށް ވައުދުވެވަޑައިގަންނަވައިފައެވެ.

”މިރަށުގެ ބިން ހިއްކައި މި ރަށުގައި އެއާޕޯޓު އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ އިރާދަކުރެއްވިއްޔާ ދާދީ ފަސޭހަކަމެއް. އެކަން ތިބޭފުޅުންނަށް ހާސިލްކޮށްދޭނަން“ ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގެންނެވިއެވެ.