އަނބަކީ އަހަރުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކަމުދާ މޭވާއެވެ. ޅަ އަނބުން ފެށިގެން ދޮން އަނބާ ޖެހެންދެން އެކި ބާވަތް ބާވަތުގެ ކާތަކެތި އަނބު ބޭނުންކޮށްގެން ތައްޔާރުކުރެއެވެ. ކުޅި އެއްޗިއްސާއި ފޮނި އެއްޗިއްސެވެ. އެގޮތުން މިއަދު މި ގެނެސްދެނީ އަނބު ބޭނުންކޮށްގެން، ވަރަށް މީރުކޮށް ކޭކު ތައްޔާރު ކުރާނެ ގޮތެއެވެ.
ބޭނުންވާނެ ތަކެތި:
500 ގްރާމް އަނބު (ފެންނާޅާ މިކްސްޗަރުން ގިރާފައި ހުރި)
½ ޖޯޑް ހަކުރު
1 ½ ޖޯޑް ފުށް
½ ސަމްސާ ލޮނު
½ ބޭކިން ސޯޑާ
ދެބައިކޮށްފަ ތިންބައި ޖޯޑު ބަޓަރ
ކުޑަ ތެޔޮފޮދެއް
ހަތަރު ބައިކޮށްފަ ތިންބައި ޖޯޑް ހަކުރު
1 ބިސް
1 ސަމްސާ ވެނީލާ އެސެންސް
ތިންބައިކޮށްފަ އެއްބައި ޖޯޑް ކިރު
މެންގޯ މިލްކް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި
ދެޖޯޑު ބައި ކިރު
މޭޒުމަތީ ސަމްސާ 3 ސަމްސާގެ ހެވީކްރީމް
4 މޭޒް މަތީ ގެރިކިރު
1 ޖޯޑް ޗަސްކޮށްލާފައި ހުރި ދޮންއަނބު
ތައްޔާރުކުރާނެ ގޮތް
އުނދުން މައްޗަށް ތެއްޔެއް އަރުވާފައި، ދޮން އަނބު ޕޭސްޓު އަޅާލުމަށްފަހު ބައި ޖޯޑު ހަކުރު އަޅާލާށެވެ.
އަދި ހަކުރު ވިރެންދެން މަޑުގިނީގައި ކައްކާލާށެވެ. ހަކުރު ވިރުމުން އުނދުން މަތިން ބޭލުމަށްފަހު އެއްކޮށް ފިނިވަންދެން ބަހައްޓާށެވެ.
އަދި ވަކިން ތައްޓަކަށް ފުށާއި، ބޭކިންސޯޑާ އަދި ލޮނުކޮޅު އާޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ވަކިން ތައްޓެއްގައި ބަޓަރ، ތެޔޮ އަދި ހަކުރުކޮޅު ވިޕްކްރީމަށް ވަންދެން މިކްސް ކޮށްލާށެވެ. އަދި އެއަށް ބިހަކާއި، އެސެންސް ކޮޅު މިކްސް ކޮށްލާށެވެ.
މީގެ ތެރެއަށް ކިރުއަޅާ ރަނގަޅަށް މިކްސް ކޮށްލުމުން އެހެރީ ކޭކަށް ބޭނުންވާ ކްރީމް ގަނޑު ތައްޔާރުކުރެވިފައެވެ.
ބޭކިންސޯޑާ އަދި ލޮނުކޮޅު މިކްސްކޮށްލި ފުށްތަށި ކްރީމްގެ ތެރެއަށް އަޅާލާށެވެ. ހުރިހާ އެއްޗެއް މިކްސް ކޮށްލުމުން އޭރުން އެހެރީ ކޭކްގެ މިކްސްޗަރ ތައްޔާރުވެފައިވެއެވެ.
9 ނުވަތަ 8 އިންޗީގެ ޓްރޭއަކަށް ކޭކްގެ މިކްސްޗަރ އެޅުމަށްފަހު އަވަން ހޫނު ކުއްލުމަށްފަހު އަވަނަށް ލާށެވެ. އަވަންގެ ހޫނު މިން 180ޑިގްރީސެލްސިއަސްގައި ބަހައްޓައިގެން 35 ނުބަތަ 40 މިނެޓްވަންދެން ފިހެލާށެވެ.
ކޭކު ފިހަން އުދާލުމަށްފަހު މެންގޯމިލްކް ތައްޔާރުކޮށްލުމަށް ކިރާއި، ހެވީ ކްރީމް، ގެރިކިރުގެ ތެރެއަށް ދޮންއަނބު ކޮޅު އަޅާލުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ.
ކޭކު ފިހެވުމުން އަވަނުން ނަގާ، ތައްޔާރުކޮށްލި މެންގޯ މިލްކު މަޑުމަޑުން ކޭކުމައްޗަށް ރީތިކޮށް ކޭކު ވަށާ އަޅާލާށެވެ.
މިލްކު އަޅާ ނިމުމުން 2-3 ގަނޑި އިރު ވަންދެން ކޭކް ފްރިޖުގައި ބަހައްޓާށެވެ. އެއަށް ފަހު ފުރިޖުންނަގާ ބާކީ ހުރި އަނބުކޮޅު އޭގެ މައްޗަށް އަޅާލާށެވެ.
އޭރުން ކޭކު އެހެރީ ކާލަން ރެޑީވެފައެވެ.

